ދިވެހި

މަގޭ ލޯބިގަނޑު – ދެވަނަބައި

shallow focus photo of man and woman holding hands

ދުވާލުގެ މެންދުރު ފަހުގެ ވަގުތެކެވެ. އާދައިގެމަތިން މާލޭގެ ހަލަބޮލި ދުވަހެކެވެ. ދުނިޔޭގައި ލެއްވިހާ ފިކުރެއްގައި ޣަރަގުވެފައި އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ވަކިކަމަކަށް އިންތިޒާރުކުރުމެއް ނެތި ގޭގެ ބޮޑުފެންޑާގެ އަރުދާދުގޮނޑިއެއްގައި އިށީދެލައިގެން އިންދާ ކުއްލިއަކަށް ސިއްސުވާލީ ގޭގެފޯނަށް އައި ފޯނުކޯލަކުންނެވެ. މަޑުމަޑުންހުރެ ފޯނުނަގާ ސަލާމް ގޮވާލީމެވެ. އަދި އެއީ މުދައްރިސުން ތަމްރީނުކުރާ ޤައުމީ މަރުކަޒު އިން ކަމަށާއި، ވަޒީފާއެއްގެ ފުރުޞަތު އޮތްކަމަށާއި، އިންޓަވިއުއަށް އޭގެ އަނެއް ދުވަހު އައުމަށް ދަޢުވަތުއެރުވިއެވެ. ދެހަފުތާއެއްހާ ދުވަސްވީ ކަރުނަވީ ޙަޔާތަށް އުފާވެރިކަމެއް ލިބުނުދުވަހެކެވެ. ނާއުންމީދުވެފައި ހުރިހުރުމަށް އުންމީދުގެ އަލިކަމެއް ލިބުނުދުވަހެކެވެ. ޓީޗަރަކަށް ވުމަށް ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް އަނެއްކާ ވެސް ވެދާނެކަމުގެ އިޙްސާސްތައް ކަށީގެމަދުން އުދަވާންފެށި ދުވަހެކެވެ. އަދި ކޯސް ކޯޑިނޭޓަރުގެ ނަސޭޙަތްތައް ހަނދާންތައް އައުވަމުން ދިޔައެވެ.  އަދި ޤަބޫލުކުރެވުނީ ކޮންމެ ކަޅުއަނދިރި ދުވަސްތަކަށްފަހު އަލިކަމެއް ފެންނާނެކަމެވެ. ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް ވެސް އަންނާނެކަމެވެ. އެދުވަހަކީ އަހުރެންގެ ދުވަހެއްގެ ގޮތުގައި ވެއްޖެކަހަލައެވެ. އެ އުފާވެރި ޚަބަރު މުޅިގޭތެރޭގައާއި ދުރަށް ރަށުގައި ތިބި  އާއިލާގެ އެންމެނަށް ފަތުރާލެވުއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި މީހާއަށް ވެފައިހުރިވަރުން މާނޭވާއެއް ލެވުނެވެ. އަދި އިންޓަވިއުއަށް ވަރަށް ރަގަޅަށް ތައްޔާރުވުމަށް އަޒުމެއް ހިތުން ކިޔާލެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހިތްގައިމު ހެނދުނުގެ ވަގުތެވެ. އުޑުމަތީގައި އޮތް ނޫކުލައިގެ ބިއްލޫރި ފަދަ އުޑުމަތި ސާފު ދުވަހަކަށް ވީތީ، އޮއްސެމުންދާ ތޫނުދަޅަތަކުން އެސްފިޔަ ޖަހާލަން އުނދަގޫވާހާ ވެސް ސާފުދުވަހެކެވެ. ޙަޔާތަށް ހިޔަނިއެޅޭ ކަޅުވިލާތައް ނެތިގޮއްސި ކަހަލައެވެ. ވަރަށް ރީއްޗަށް ފެންވަރާލައި އަރިމައްޗަށް ދެސަޑު ޖަހާލައިގެން ބައިސްކަލުގައި ސަޅިގޮތަކަށް ދުއްވާފައި ދެވުނީ ދާންޖެހޭ އިމާރާތް ފަހަނައަޅާކަން ވެސް އިޙްސާސް ވުމެއްނެތި ކަހަލައެވެ. އަދި، ނަފުސަށް ރަކިހިންޏެއް ދިނުމަށްފަހު ބައިސްކަލު ޕާކުކޮށްލީ ސީދާ މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ޒޯނުގައެވެ. އެމަންޒަރު ފެންނަ ހިސާބުގައި ދުރުގައި ބަލަން ކޯސް ކޯޑިނޭޓަރު ހިނިތުންވެލައިގެން ހުއްޓެވެ. އަދި ބޭއިޚްތިޔާރުގަައި ކޯޑިނޭޓަރާއި ދިމައަށް ހިނގައިގަތުމުން ގަޑި ޖެހެނީކަމަށް އިޝާރަތްކުރައްވައި އަވަހަށް އިންޓަވިއުއަށް ދިއުމަށް އަތުގެ ހަރަކާތުން ބުނެދިނެވެ. އެއީ ހާދަހާ ރަގަޅު މުދައްރިސެކެވެ. އަދި ހާދަ އޯގާތެރި އިންސާނެކޭ ވެސް ހިތަށް އެރިއެވެ. މުދައްރިސުންނަކީ މާތް ބައެކޭ ހިތަށްއަރާ ސުވާލަށް ޖަވާބު ވެސް ލިބިގެން ދިޔައެވެ. އޮފީސްބަޔަށް ގޮސް އަހާލުމުން އިންޓަވިއުއޮތް މާލަމަށް ދިއުމަށް އިރުޝާދު ލިބުމުން އަވަސްވެގަތީ ގަޑިޖެހުމުގެ ކުރިން އިންޓަރވިއުކުރާ މާލަމަށް ދިޔުމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އިޙްސާސްކުރެވުމާއި އެކު ހިތުގެވިންދު އަވަސްވެ މޭގަނޑު ތެޅެންފެށިއެވެ. އާދޭހެވެ. ޙަޔާތުގައި ވެސް އެންމެފުރަތަމަ ކުރެވޭ ވަޒީފާގެ އިންޓަރވިއުކަމަށް ވުމުން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އާންމު ކޮންމެ އެހެން އިންސާނަކު ވެސް ތަޙައްމަލްކުރާނެ ހުރިހާކަމެއް ތަރުތީބުވެގެން ދިޔައެވެ.

” އައްސަލާމް ޢަލައިކުމް! ތީ ޒެކްތޯ؟ “

“ވައަލައިކުމް ސަލާމް! އާދެ އަޅުގަޑަކީ ޒެކް” ލަދުންހުރެ ޖަވާބުދިނުމާއެކު އައިސް އަތާއަތްޖޯޑުކޮށް ސަލާންކޮށްލީ އަސްތާ ފަރިކަމަނާއެވެ. އަތްތިލަ މަޑުކަމާއި އޮމާންކަމެވެ. ބުރުސޫރަ ރިވެތިކަމާއި ޗާލުކަމެވެ. ދެމީހުން ވެސް އެކަކު އަނެކެއްގެ މޫނަށް ބަލަންތިބެ ހޭދަވީ ކިހާވަގުތެއްގައިކަމެއް ޔަޤީންކޮށް ބުނެދޭން ދަތިކަހަލައެވެ. ރަކި ހިނިތުންވުމެއްގައި ހުރެ އަތުން ދޫކޮށްލުމަށް ފަހު ބުނެލިއެވެ. “މީ ޒަމްކޮ!” އަދި ޑރ. ޑީން ސާރ ވަރަށް އަވަހަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ފަރިގޮތަކަށް އެނބުރިލުމަށްފަހު ” Best of Luck ” ކިޔުމަށްފަހު ފަރިކަމަނާ އެވަގުތަށް ފަރުދާވެއްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ބައްދަލުކުރެއްވީ ޑރ. އަލީއެވެ. އަޅުގަޑަށް ދިމާވި ހިތާމަވެރިގޮތް އަލިފުންޔާއަށް އެނގޭ ކަހަލައެވެ. ވަރަށް މަޑުމައިތިރި ޚުލްޤު ހެޔޮ މެދުޢުމުރުގެ މީހެކެވެ. އަޅުގަޑުގެ ޙާލަތާއިބެހޭ ގޮތުން ވަރަށް ޖަޒުބާތީ ވާހަކަތަކެއް ވިދާޅުވުމަށް ފަހު އިންޓަވިއު ނިމުނީކަމުގައި އިޢުލާން ކުރެއްވިއެވެ. އަދި އަޅުގަޑުގެ ޢުމުރުން އަށާރަ އަހަރު ނުވާތީ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔާ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއެއް ހުށަހެޅުމަށް ވިދާޅުވުމަށްފަހު ސަލާމްކޮށްލެއްވިއެވެ. ހާދަހާވާ އުފާވެރިޒަމާނެކެވެ. އެތަކެއް ދުވަހުގެ ކަރުނަތައް ފޮނި މާމުތަށްވެއްޖެއެވެ.  

އާދީއްތަދުވަހެއްގެ ހެނދުނުގެ ފިނިވަގުތެކެވެ. ވަށައިގެން އޮތީ ކުލަކުލައިގެ ރީތިމާތަށް ފޮޅިފައެވެ. ޖެހޭ ފިނި ވައިރޯޅިއާއި އެކު ފިޔަތައް ވަޔާވިހުރިދަނީ ވެސް މަދަކުންނޫނެވެ. ދޭތެރެ ދޭތެރެއިން ދޫންޏެއް ގޮވާލަފާނެއެވެ. އަދި މިއުޒިކީ ރާގެއްގައި ފެތުރިގެންދާކަހަލައެވެ. ހަތްގަޑިބައިގެ ކުރިން އޮފީހަށްދާން ތައްޔާރުވީ އުފަލުންނަށަމުންނެވެ. ސައިބޯނި ބުރިއެއް ހުސްވަންދެން ގައިގައި އުނގުޅައިގެން ފެންވަރާލީ ކޯޑިނޭޓަރ ސަރއަށް އިޚްލާޞްތެރި ޝުކުރުދަންނަވަމުންނެވެ. އެވަގުތުގައި ވެސް ހިތާހިތާ ސުވާލުކުރެވުނީ ޢުސްތާޛަކަށް ވެވޭނީ ކޮންދުވަހަކުންބާއެވެ. އެދުވަހަކުން އަދި ކިހާއުފަލެއް ވާނެހެއްޔެވެ. އަމިއްލަ ނަފުސައް އޮތްއިތުބާރު ބޮޑުކުރެވޭތޯ މަސައްކަތްކުރަމުން މަޑުނޫކުލައިގެ ރޮނގުދެމި އަތްކުރުގަމީހަކާއި ކަޅުފަޓުލޫނެއް ލައިގެން ބާރަށް ބެގީޖަހާލައިގެން އޮފީހަށް ދިޔުމަށްޓަކައި ބައިސްކަލު ދުއްވާލީ އަންބާކިޔާފައެވެ. ގަޑިޖެހުމުގެ ތިރީހަކަށް މިނަޓުކުރިން އޮފީސް އިމާރާތަށް ވަދެވިއްޖެއެވެ. އެއްވެސް މީހަކުނެތެވެ. ދޮރުހުރީ ތަޅުލާފައެވެ. އެވަގުތު އަތުގައި އޮތް ކަޅުކަމަރުލީ ގަޑިއަށް ބަލާލެވުނެވެ. އަސްތާ އޮފީހަށް އާދެވުނީ މާކުރިންތާއެވެ. ދިގު އިންތިޒާރުގެ ފޮނިކަން އިތުރުވާނެކަމަށް ބަލައިގެން ވަގުތުހޭދަކުރަން ފެށީ އެއްވެސް ޝަކުވާއެއް ހިތުގައި ނެތި ހިތްހަމަޖެހި އުފަލުން ހުރެއެވެ. ކުއްލިއަކަށް ތުއިގުރައެއްކަހަލަ ރީތިއަންހެން އަޑަކުން “ޒެކް” އޭ ގޮވާލިއެވެ. އަސްތާ ކަމަކުދާކަށެއް ނެތެވެ. ފަރިކަމަނާ އޮފީހަށް ވަޑައިގަތީ އެވެ. ރަތްކުލައިގެ ގަޔަށްބާރު ހެދުމަކާއި ހުދުކުލައިގެ ތިރިއެއް ތުރުކުރައްވައިގެން އުސްފައިވާނެއްގައި އެހެރަ ވަޑައިގަތީ ޒަމްކޮއެވެ. ތުނިތުނި ލޫޅާފަތި ހަށިގަނޑެކެވެ. ރަންރީންދޫ ކުލައިގެ ފަން އިސްތަށިގަނޑެކެވެ. ހާދަހާވާ ރީތިއަންހެން ވެސް މިހާރު މާލޭގައި އުޅެއޭ ހިތާހިތާ ކިޔާލެވުނެވެ.

ޒަމްކޮ: ” އޮފީސް ނުހުޅުވާތޯ؟ “

” އާދެ، ތަޅުލާފަހުރީ! މާކުރިން ދެއްތޯ މިއާދެވުނީ!” ލަދުންހުރެ ޖަވާބުދިނީމެވެ.

ޒަމްކޮ:  ” So sad ”  އަދި ކުރިން މިއައީވެސް ޒެކް އޮފީހަށް އައުމުގެކުރިން މޭޒު ރެޑީކޮށްލަން! ހަމައެވަގުތު ވަރަށްބޯކޮށް ވާރޭ ވެހެންފެށިއެވެ. ޒެކް އަވަހަށް އާދޭ ކިޔާފަ ޒަމްކޮ ދުއްވައިގަތެވެ. އެވަގުތު ބޭއިޚްތިޔާރުގައި ހުރެ ފަހަތުން ދުއްވައިގަނެވުނެވެ. އަދި ހަނި ކޮރިޑޯއެއްގެ ތެރެއިން ބޯހިޔާވަހިކަމެއް ލިބިއްޖެއެވެ. (ނުނިމޭ..)

ޝެއަރ ކޮއްލައްވާ

ފަހުގެ ލިޔުންތައް

© 2023 Usthaz Zaki. All rights reserved.