ޖެހޭވައިރޯޅިއާއި ޖައްވުގައި ހުރި ފިނިތެތްކަން އިޙްސާސްކުރެވެމުން ދިޔައެވެ. ބައެއްފަހަރަށް އަތުގައިހުރި ލޯލިއިސްތަށިތައް ކޮޅަށްޖެހެމުންދިޔައެވެ. ފިނިކަން އިޙްސާސްވެ ހީކަރުވާލެއް ބޮޑުކަމުން ޒަމްކޮގެ ޙާލުހުރިގޮތެއް ބަލާލުމުގެ ނިޔަތުގައި ޖެހިފައިހުރި އިސް އުފުލާ ބަލައިލެވުނު ވަގުތު ފެނުނީ ވަރަށް ވެސް ހައިރާންކުރުވަނިވި މަންޒަރެކެވެ. ދެއަތް އުރާލައިގެންހުރި ފަރިކަމަނާ ހުރީކަޅިޖަހައިނުލާ ޒެކްގެ މޫނަށް ބަލާށެވެ. އެވަތުގު ވަރަށް ފުންއަސަރުތަކެއް މޭތެރޭ އުދަބާނިކޮށްލިއެވެ. އަދި ލަދުރަކިކަމާއެކު މުޅިމީހާ ފުނޑުފުނޑުކޮށްލި ކަހަލައެވެ. އެފިނިކަމާ ބައެއްފަހަރަށް ވިހުރާލާ ބާރުރޯޅިއާއެކު ވިއްސާލާ ވާރޭފެންފޮދުން ރަތްދޫލައެއް ފަދަ ޗާލު ހެދުންވެސް ތެމެމުންދަނީއެވެ. ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ބަލަ ހެދުންވެސް ތެމިފޯވެއްޖެ ދެއްތޯއެވެ. ހަމަ އެވަގުތު ކަހަލަގޮތަކަށް މަސައްކަތު ބޭބެއަށް ދެމީހުން ތިބިޙާލު ފެނި ކުޑައެއް ގެނެސްދީ ހިޔަލަކަށް ދާށޭ ގޮވާލިއެވެ. އެވަގުތު ފަރިކަމަނާ ޒެކްގެ އަތުގައި ހިފާލުމަށްފަހު އަވަހަށް އަންނާށޭ ލޮލުން އިޝާރާތްކޮށްލިއެވެ. އަދި އިރަކަށްވުރެ އިރެއް އަތުހިފުންގަނޑު ބާރުވަމުންދިޔައެވެ. އަދި އޮފީހުގެ ދޮރުމައްޗާ ހަމައަށް އާދެވުނުއިރު އަސްތާ ކަމަކުދާކަށްނެތެވެ. ނިދަންބައްދާ ކަންނޭލެއްފަދައިން މުޅިއަރިކަށި އޮތީ ފަރިކަމަނާގެ ބާރުގެދަށަށް ގޮސް ހުސްވެފައެވެ.
” Sorry ވަރަށް ބާރަށްދޯ ބައްދާލެވުނީ!” ލަދުން ވިރިވިރި ހުރެ ޒަމްކޮ މާފަށްއެދެމުން ބުނެލިއެވެ.
ވަރަށް އިނގިރޭސިވެލާފައި ” No problem ” އޭ ބުނެލީ ތަދަށްވުރެ ލަދުންހުރެއެވެ. އެދުވަހުގެ އަށެއް ޖެހިއިރުވެސް އިތުރު އެއްވެސް މީހަކު އޮފީހަކަށްނާދެއެވެ. ވެހުނުބޯކެރީގައި ކާކަށްތޯ އާދެވޭނީވެސް ޤަބޫލުކުރެވުނެވެ. އިސާހިތަކު ޒެމްއަށް މޭޒެއް ހުސްކޮށް ބޭނުންވާ ހުރިހާއެއްޗެއް ވެސް ހަމަކޮށްދިނީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަތްމަތިހަލުވި ކުއްޖެކެވެ. އަދި މީހަކު ނެތް ނަމަވެސް ހުރިހާމޭޒެއްގައި ތިބޭ މީހުންގެ ކުރުތަޢާރަފެއް ދިނީވެސް އެހާ ފަށުވި ބަސްމޮށުންތެރިކަމާއި އެކުގައެވެ. މިޒަމާނުގެ ފުރަތަމަ ތަޢާރަފަކަށް ފުދި އިތުރުވެސް ވާނެއެވެ. ކުއްލިއަކަށް އައީ ފޯނުކޯލެކެވެ. ޑރ. ޑީން އެދުވަހު އޮފީހަށް ވަޑައިގަތުމަށް ޢުޛުރުވެރިވާކަން އަންގަވާލެއްވީ ވިދާޅުވިއެވެ. އެއަށް ފަހު ކޮންމެ ފަސްމިނެޓް އަކުން އެއް ފަހަރު އެފަދަ ކޮންމެވެސް ކޯލެއް އާދެއެވެ. ބައެއް ބޭފުޅުން ލަސްވާނެކަމާއި އަނެއްބައި ބޭފުޅުން ބަލިވެ ސަލާމުގައި ކަން އަންގަވަމުން ގެންދެވިއެވެ. މިހުރިހާ ފޯނުކޯލުތަކަށް ވެސް ޖަވާބު ދެއްވީ ހަމަފަރިކަމަނާއެވެ. އަދި ދޭތެރެ ދޭތެރެއިން ޒެކްއަށް ވެސް ގޮވާލައެވެ. ކުރިމަތީގައި ހުރިމޭޒުގެ ގޮނޑީގައި ޒަމްކޮގެ އެފަރިހަރަކާތްތަށް ފެނި ހައިރާންކޮށްލިއެވެ. ކޮމްޕިއުޓަރުގައި އެއްޗެއް ލިޔެލާނެއެވެ. ފޯނުކޯލެއްގައި ވާހަކަދައްކަން އިނދެފާނެއެވެ. އަދި އިރުކޮޅަކުން މޫނުގައި ފުށްޖަހާލާ ތުންފަތުގައި ކުލަކޮޅެއް ވެސް އުނގުޅާލަފާނެއެވެ. މިހުރިހާކަމެއް ވެސް ކުރަމުން ގެންދަނީ އެއްވެސްކަހަލަ އައިބުކަމެއް ފުށުއެރުމެއް ނެތި ވަރަށްވެސް ރީތިކޮށް އޮމާންކޮށެވެ. މިމަންޒަރަކީ އޮފީހެއްގ މާޙައުލަކުން ފެނުނު އެފަދަ އެންމެފުރިހަމަ މިސާލެވެ. މިއީ ހާދަ ރަގަޅު މުވައްޒަފުންތަކެއް އުޅޭ އޮފީހެކޭ ހިތަށްއެރިއެވެ. ޒެކްގެ އެފެންވަރު ހުންނާނެބާއޭ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. ޤައުމަށް ބޭނުންވާ ޢެދުރުން ބިނާކޮށް އުފައްދާތަނެއްގައި މިފެންވަރު ހުންނަށްޖެހޭނެކަމަށް ޤަބޫލުކުރެވުނެވެ. އެދުވަހުގެ ދެގަޑިބައި ގައި އޮފީސް ނިންމާލީ ވަގުތުދިޔަ ގޮތްވެސް ނޭނގޭހާ ޝައުޤުވެރިކަމާ އޮމާންކަމާ އެކުގައެވެ. ލިބިފައިހުރި އުފަލާއެކު ގޭތެރޭގައި ޚަބަރުތައް ފަތުރާލަން ބޭނުންވެފައި ހުރިވަރު ބޮޑުކަމުން ގެއަށްދިޔުމަށް އަވަސްވެގަތީމެވެ. ޒަމްކޮ ހަމަވަރަށް ބުރަކޮށް މަސައްކަތްތަކުގައި ކޮޅުކޮޅަށް ހޭލަމޭލާއަށް އުޅޭތަން ފެނުމުން ޙައްޤުވާމިންވަރު ނޫންކަމުގައި ވިޔަސް ” Bye ” އޭގޮވާލީމެވެ. ހަމައެވަގުތު ޖަވާބުގައި ” See you Tomorrow ” އޭ ބުނެ ޖަވާބުދިނެވެ. އެވަގުތު ނަށަމުން ލަވަކިޔަމުން ތުމުންފުމެމުން ބައިސްކަލުގައި ގެޔަށްދިޔައީ ވައިސޫރިއެއް ފަދައިންނެވެ.
ދުވަހުގެ ހަވީރުގެ ވަގުތެކެވެ. މެންދުރުފަހު ކޮންމެވެސްވަރަކަށް ނިދާލާފައި ހުރުމުން އަރާމުކަމަކާއި ހާސްކަން ފިލާފަހުރިކަމުގެ އިޙުސާސްކުރެވުނެވެ. ކުއްލިއަކަށް ޒެކް އައިސްބަލާށޭ ގޮވާލީ މާލޭމަންމައެވެ. ދެވަނައިތުރު މުހިންމުކަމެއް ނެތްކަމަށް ބަލައި ކާގޭގައި އިންނެވި މާލޭމަންމަ ކައިރިޔަށް ޖެހިލެވުނެވެ. އެވަގުތަކީ އަނެއްކާވެސް ފުންއަސަރުތަކެއް ކުރިވަގުތެކެވެ. އިސާހިތަކު ކަރުނައިން ރޮއްވާލި ކަހަލައެވެ. އެހެނަސް މިފަހަރު ލޮލުންފޭދުނީ އުފާވެރިކަރުނަތަކެކެވެ. ” ޒެކްއަށް ސަރުކާރުއޮފީހަކުން ރަގަޅު ވަޒީފާއެއް ލިބުމަކީ މަންމަ ވަރަށްއުފާކުރާކަމެކެވެ. މަންމަ އަބަދުވެސް ޒެކްއަށް އުފަންދަރިއަކަށް ނުކުރާ އިތުބާރުކުރަމެވެ. އެހެންނަމަވެސް، ހަނދާންކޮށްލަދިނުމުގެ ގޮތުން އެއްޗެއް ބުނެލަންބޭނުމެވެ. ދުނިޔޭގައި ލެއްވި އެއްވެސް އެއްޗަކީ ދާއިމަށް ދެމިހުންނާނެ އެއްޗެއް ނޫނެވެ. ތިޔަވަޒީފާ އަކީ ވެސް އެފަދައެއްޗެކެވެ. އެހެންވީމާ ލިބޭމިންވަރު ނިކަންދަނެގެން ލިބޭއެއްޗަކުން ފުއްދާލައިގެން އުޅެންދަސްކުރަންވާނެއެވެ. އަދި ވީވަރަކުން ބާކީކޮށް ފަހަށްރައްކާކުރަން ވާނެއެވެ. މިއީ މާލެއެވެ. ވަރަށް އަގުބޮޑެތި ރީތިއެއްޗެހި ފެންނާނެއެވެ. ޒަމާނީ އަންހެންކުދިން ވެސް ފެންނާނެއެވެ. ބައިސްކޯފަށާއި އައިސް ކިރީމްޕާލާތަކަށާއި ރެސްޓޯރަންޓުތަކަށް ވެސް ދާހިތްވާނެއެވެ. އެކަމަކު ބޭކާރުގޮތުގައި ހަމައެންމެ ރުފިޔާފޮއްޗެއް ވެސް ޚަރަދުނުކުރާށެވެ. ޒުވާންކަމުގެ ޖޯޝާއި ގައިބާރު ފިލާނުދަނީސް އަމިއްލަ ކޮންމެވެސްކަމެއް ފެށޭތޯ އަޒުމްކަނޑައަޅާށެވެ.” އެވަގުތު ފެންކަޅިވެފައި އިނދެ ހިތަށްއެރިއެވެ. މައިވަންތަކަމުގެ ލޮތްބަކީ އަދި ކިހާވަރުގަދަ އެއްޗަކަށްވާނެހެއްޔެވެ. މިއީ ވެސް ހާދަ ރަގަޅު އިންސާނެކެވެ.
މަންމަ: “ދަރިފުޅަށް ކިހާއެއްޗެއް އެތަނުން ދޭނެތަ؟” ކުޑަކޮށް ސަމާސާރާގަކަށް މާލޭމަންމަ އަހާލިއެވެ.
ޒެކް: “ފުރަތަމަ ހަމަޖެއްސެވީ އެސިސްޓަންޓް ސެކުރެޓަރީއެއްގެ މަޤާމު. އެއީ ނުވަސަތޭކަ ފަސް ރުފިޔާ ލިބޭ ވަޒީފާއެއް!” ވަރަށް ހިތްހަމަޖެހިފައި ހުރެ އުފަލުން ބުނެލީމެވެ. އެވަގުތު އަނެއްކާވެސް އިކޮނޮމިކުސް ކުލާހުގެ ބައެއްފިލާވަޅުތައް ހިތުތެރޭގައި ކައްކާލިކަހަލައެވެ. އިޤުތިޞާދުކުރުމާއި ފަހަށްރައްކާކުރުމާއި އަމިއްލަވިޔަފާރިކުރުމާއި މިހުރިހާކަމެއްގެ މުހިންމުކަން ހަނދާންކޮށްދިނީ މާލޭމަންމައެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެކެވެ. މާލެ ނުނިދާ ހޭލާ އޮތަސް ދިރިއުޅޭ ގޭގެމީހުންނާއި އަވަށްޓެރިން ވެސް ނިދާފައެވެ. މަޝްހޫރު ނޮކިޔާ ބައްތިފޯނެއް މޭމަތީ ބާއްވާލައިގެން އުފާވެރިކަމާއެކު މާލޭމަންމަ ދެއްކިހާ ވާހަކައެއް ހިތުގެތެރޭގައި ފަށްފަށް ކުރަމުންދަނިކޮށް ސިއްސުވާލީ ބައްތިފޯނު ރޫސްރޫސްލާފައި ރޫރޫއަޅުވާލުމުނެނެވެ. ދަންވަރުގެ ވަގުތެއްގައި ފޯނެއް އައުމަކީ ޢާންމުކަމެއް ނޫން ޚާއްޞަކަމެކެވެ. ފޯނަށް ޖަވާބުދިނުމުގެގޮތުން މަޑުމޮޅިރާގަކަށް ” Hello ” ކިޔާލީމެވެ. އެވަގުތު ލިބުނީ ވަރަށްބޮޑު ހައިރާންކަމެކެވެ. ” ޒެކް ނިދަނީތޯ!” އަހާލީ އެއްކަލަ ފަރިކަމަނާއެވެ. (ނުނިމޭ…)