ދިވެހި

ބްރޯ ރަޝީދު (ޢާންމު ރައްޔިތު މީހާ) ރާއްޖޭގެ ރައީސްކަމަށް

އިބްރާހީމް ރަޝީދު މޫސާ (ބްރޯ) އަކީ މާލެ އަށް އުފަން އުމުރުން 55 އަހަރުގެ ދިވެހި ޔައްޔިތެކެވެ. ބްރޯ ރަޝީދު އަކީ ވަރަށް ގިނަ ބަޔަކު ދަންނަ ގޮތުގައި މީހުންނާއި ގުޅޭ ވަރަށް ހިތްހެޔޮ މީހެކެވެ. އަދި މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ވަކާލާތުކުރައްވާ ސޯޝަލް މީޑިޔާގައި މަޝްހޫރު ޢާންމު ރައްޔިތު މީހާއެެވެ. ބްރޯ އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ދާއިރާ އިން މާސްޓަރ ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ކޮންސްޓްރަކްޝަން ދާއިރާގައި އަހަރުތަކެއް ހޭދަކުރައްވައި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މިހާރު ކުރައްވަނީ ސިޔާސީ މަސައްކަތްތަކެވެ. އެގޮތުން ސިޔާސީ ދާއިރާ އިން ތަފާތު ޢިލްމީ ދިރާސާތައް ކުރެއްވުމާއި، މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކަށް ހުރި ޙައްލުތައް ދެނެގަތުމުގެ މަސައްކަތެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ތައްޔާރުވުމުގެ މަސައްކަތެވެ. އެހެންކަމުން އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި، އަޅުގަނޑު ބްރޯ ރަޝީދު އާއި ބައްދަލުކޮށް ސުވާލުކޮށް މަޢުލޫމާތު ސާފުކުރީމެވެ.

ދިވެހިރާއްޖޭގެ ރައީސްކަމަށް ވާދަކުރެއްވުމަށް ނިންމެވި މައިގަނޑު ސަބަބަކީ ކޮބައިތޯ؟

“އަސްލު ރިޔާސީ އިންތިޚާބުގައި ވާދަކުރަން މި ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހުރެ. އެއް ސަބަބަކީ އަޅުގަނޑަކީ ވަރަށް ވަޠަނީ މީހެއް. ޤައުމަށް ވަމުން މިދާގޮތް ފެނިފައި ޤައުމު ދެކެ ލޯބިވާ މީހެއްގެ ޙައިޞިއްޔަތުން ހަމަ ހިތަށް ކެތްނުކުރެވިގެން. ވޭތުވެ ދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި އިސްލާޙަށް ކުރެވުނު ހުރިހާ ކަމެއްގައި ބައިވެރިވިން. ޙައްޤާ އިންސާފު ހޯދުމަށް އަޑު އުފުލަން ބޭއްވުނު ޖަލްސާތަކާއި، އެއްވުންތަކާއި، މުޒާހަރާތަކުގައި ބައިވެރިވިން. އަދި އެފަދަ މަސައްކަތްތަކުގައި ވަރަށް ގިނަ އަނިޔާތައް ވެސް ލިބުނު މީހެއް. އެހެން ނަމަވެސް މިހުރިހާ ދުވަހު ކުރި މަސައްކަތުން ވެސް ރައްޔިތުން އެދޭ ޙަޤީޤީ ހެޔޮ ބަދަލެއް ނުފެނުން. އަދި މިހާތަނަށް ފުރުޞަތު ލިބުނު ވެރިންގެ ފަރާތްޕުޅުން އެމަގަށް މަސައްކަތްކުރައްވާ ތަނެއް ވެސް ނުފެނޭ. އަޅުގަނޑާ ވާހަކަދައްކާ ގިނަ ޢާންމުން މިހާރު ވޯޓްލާން ދާކަށް ވެސް ބޭނުމެއް ނޫން. ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރީން ދެކެ ފޫހިވެއްޖެ. އެހެންކަމުން ފުރިހަމަ އިތުބާރާ ޔަޤީންކަމާ އިޚްލާޞްތެރިކަމާ އެކު އެ މަސައްކަތް ކުރުމަށް ބޭނުންވޭ. ރައްޔިތުންގެ އިތުބާރު އަލުން އުފައްދައިދިނުމަށް އަސްލުގައި ބްރޯ މި ނިކުންނަނީ…”

ބްރޯ ރަޝީދުގެ އެންމެ ބޮޑު ވަޢުދަކީ ކޮބާ؟

“ބްރޯގެ އެންމެ ބޮޑު ވަޢުދަކީ ރައްޔިތުންނަށް ހަމަޖެހުމެއް ގެނެސްދިނުން. އިންސާފު ޤާއިމުކޮށްދިނުން. ޙަޤީޤީ ތަރައްޤީ ލިބޭނެ ހަމަ އެކަނި ގޮތަކީ އެއީ. މިސާލަކަށް ބައްލަވާ ކުޑަ ކުޑަ މޮރިޝަސް އަށް. ދިވެހިރާއްޖެ ވެސް މިޖެހެނީ އެމީހުންނަށް އާދޭސް ކުރަން. އެމީހުން ވެސް އެވަނީ ތަރައްޤީވެ ކުރިއަރާފައި. އެމީހުން ތަރައްޤީ ހޯދީ ވެސް އިންސާފާއި ހަމަހަމަކަން ޤާއިމުކޮށްގެން. ޢަދުލުވެރި ފަނޑިޔާގެެއެއް ޤާއިމުކުރުމުން ފޮރިން އިންވެސްޓަރުންނަށް އިތުބާރު ލިބުނީ. ރާއްޖޭގައި އެހެނެއް ނޫން. ފޮރިން އިންވެސްޓަރުންނެއް މިހާރަކު ނާދޭ…”

ސިޔާސީ ޕާޓީއަކާ ނުލާ އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެވިދާނެ ތޯ؟

“އަޅުގަނޑަށް ޤަބޫލުކުރެވެނީ މިހާރު ރައްޔިތުން ބޭނުންވަނީ މިނިވަން ކެނޑިޑޭޓެކޭ. ޕާޓީތަކުގެ މަޤުބޫލުކަން ކުޑަވެއްޖެ. މީހުން ވަރަށް ބޮޑަށް ޕާޓީތަކާއި މެދު އުންމީދު ގެއްލި މާޔޫސްވެއްޖެ. ރައްޔިތުން ބޭނުންވަނީ މުސްތަޤިއްލު ކެނޑިޑޭޓެއް…”

އެއްވެސް ކެނޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބުކުރެވިދާނެ ތޯ؟

އެކަން ބިނާވާނީ ރައްޔިތުންގެ ޝައުޤުވެރިކަން ހުރި މިންވަރަށް. އަޅުގަނޑެއް އެއްވެސް މީހެއްގެ ވޯޓް ގަންނާކަށް އެއްވެސް ފައިސާއެއް ޚަރަދެއް ނުކުރާނަން. ވޯޓް ގަންނަން ފައިސާ ޚަރަދުކުރުމަކީ ޑިމޮކްރަސީގެ އަސާސް އާއި ޚިލާފުކަމެއް. އެއީ ނުފޫޒު ފޯރުވުން. އެއީ ބޮޑު ގޯހެއް…”

އަޅުގަނޑު ކުރި ސުވާލުތަކަށް ބްރޯ ރަޝީދު ދެއްވީ ވަރަށް ވެސް ޢިލްމީ ޖަވާބުތަކެކެވެ. އަދި ފާހަގަކުރެވުނީ ޤައުމާއި ޤައުމިއްޔަތަށް ލޯބިކުރައްވާ ޙަޤީޤީ ތަރައްޤީގެ ހަރުދަނާ ތަޞައްވުރެއް އޮތް ރައްޔިތުންގެ ޚާދިމެއް ގޮތަށެވެ. އަދި ދެއްވީ ޚުދު އަޅުގަނޑު ވެސް ހައިރާންކޮށްލި ޖަވާބުތަކެކެވެ. ބްރޯ ރަޝީދުގެ މަސައްކަތަކީ ސަމާސާއެއް ނޫނެވެ. ޤައުމު ދެކެ ލޯބިވާ ދަރިއެއް، ޤައުމާ މެދު ދެކޭ ހުވަފެންތަކާއި، ކުރާ އުންމީދުތަކެވެ. ބްރޯ ރަޝީދު ނަމޫނާ އަކަށް ބައްލަވާ ސިޔާސީ ލީޑަރަކީ ސިންގައްޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއާން ޔޫ އާއި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. އަދި ރައީސް ނަޝީދު ވެސް ބަދަލުކޮށްލައިފިކަމަށާއި، އަމިއްލަ އަށް ވާދަކޮށް އިންތިޚާބު ކާމިޔާބުކުރުން ނޫންގޮތެއް މިހާރު ނެތްކަމަށެވެ. މިރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ކުރި އުންމީދުތައް ފުނޑު ފުނޑު ވެއްޖެކަމަށެވެ. ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދުމުގެ ބަދަލުގައި އަމިއްލަ މަސްލަޙަތު އިސްކުރުމަކީ ޤަބޫލުކުރޭނެ ކަމެއް ނޫން ކަމަށެވެ.

ބްރޯ ނިކުންނަނީ ފައިސާތަކެއް ހިފައިގެން އެ ބަހައިގެން ވޯޓް ގަނެގެން އިންތިޚާބު ކާމިޔާބުކުރުމަށް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މަހުޖަނެއްގެ ކޮނޑުގައި އެލިގަނެގެނެއް ވެސް ނޫނެވެ. ބްރޯ ރަޝީދުގެ އޮތީ އިޚްލާޞްތެރި ހިތެކެވެ. ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއި ހިތްވަރެވެ. ރާއްޖެ ބަދަލުކޮށްލެވޭނެ އިޤްތިޞާދީ ތަޞައްވުރެކެވެ. އަދި ރައްޔިތުންގެ ފަރާތްޕުޅުން އެދިލައްވަނީ ވިސްނުންތެރިކަމާއި އެކު ކަންކަން ވަޒަންކުރެއްވުމަށް ފަހު، ވޯޓް ދެއްވާނެ ފަރާތެއް ކަނޑައެޅުއްވުމަށެވެ. މިފަހަރު ބްރޯ އަށް ފުރުޞަތު ދެއްވުމަށެވެ.

ބްރޯ ރަޝީދަށް ފުރިހަމަ ކާމިޔާބަށް އެދެން!     

ޝެއަރ ކޮއްލައްވާ

ފަހުގެ ލިޔުންތައް

© 2023 Usthaz Zaki. All rights reserved.