ކޮންމެ މީހެއްގެ ޙަޔާތަކީ ވެސް އިބުރަތްތެރި ފިލާވަޅެކެވެ. ވާހަކަ އެކެވެ. ތަފާތު ހާދިސާތަކެއް މާޒީކުރެވިފައި ހުންނާނެތެވެ. މިއީ ވެސް އެފަދަ ހާދިސާތަކެއް ކަމުގައި ވެދާނެތެވެ. ޒަމާންތައް މާޒީވަމުން ދައުރުވަމުން ދަނީ ހިތި ތަޖުރިބާތަކާއި، އުފާވެރި އިޙްސާސްތަކާއި ވެސް އެކުގައެވެ. އަލިކަމާއި އަނދިރިކަމާ ވެސް އެކުގައެވެ. ފިނިކަމާއި ހޫނުކަމާ ވެސް އެކުގައެވެ. ހަމަޖެހުމާއި ހާސްކަމާ ވެސް އެކުގައެވެ. އުންމީދުތަކާއި ވިސްނުންތަކުގެ ދިގު ލިސްޓާ ވެސް އެކުގައެވެ.
ހަނދާނަށް އަންނަނީ މަދުރަސީ ދައުރެވެ. މުޅި ޙަޔާތުގައި ވެސް ކުރި އެންމެ ބޮޑު އުންމީދަކީ ކިޔަވާ ނިމިގެން ގައުމަށް ޚިދުމަތް ކުރުމަށްޓަކައި މުދައްރިސަކަށް ވުމެވެ. އަދި، މުދައްރިސުންގެ ތެރެއިން ވެސް ދަރިވަރުން ދެކެ ލޯބިވާ ކިޔަވައިދިނުމަށް މޮޅު މުދައްރިސަކަށް ވުމެވެ. 1998 ވަނަ އަހަރުގެ ކުރީކޮޅެވެ. މުދައްރިސްކަން ކިޔެވުމަށް ލިބުނު ފުރުޞަތެއްގައި މާލެއަށް ހިޖުރަ ކުރީ ޙަޔާތުގައި އެންމެ ބޭނުންވި ކަންތައް ޙާޞިލުވުމާއި ދާދި ގާތަށް ދެވޭކަމުގެ އިޙްސާސްތަކާއި އެކުގައެވެ. އިކޮނޮމިކުސް އަކީ އެންމެ ކިޔަވާ ހިތްވި އަދި ކިޔަވައިދޭން ބޭނުންވާ މާއްދާއެވެ. ގައުމީ ކޮލެޖުން ސީދާ އިކޮނޮމިކުސް ޓީޗަރުކަން ދަސްކުރަން ފުރުޞަތު ލިބުމަކީ އެވީ އުފަލެއް ބަޔާން ކުރަން ވެސް ދަތިވި ކަމަކަށެވެ. ދުނިޔޭގައި ވެސް ހުރި އެންމެ އުފާވެރި އެއް އިންސާނާގެ ގޮތުގައި ހުރެ ކިޔެވުން ފެށި އިރު ކުހާލުގައި ތިބީ 5 ކުދިންނެވެ. ވަރަށް ވެސް މޮޅު މަޢުލޫމާތު މަޢުލޫމާތު ހުރި، ހިތް ހެޔޮ، އަޚްލާގު ރަގަޅު ކުދިންތަކަކަށް ކުލާސް ކުދިން ވުމުން ވަކިން ބޮޑަށް ޝައުގުވެރިކަން އިތުރު ވެގެން ދިޔައެވެ. ކޮންމެ ދުވަހަކު ކުލާހުން ގެޔަށް ގޮސް އުފަލުން ދެފައި ތަޅައިގަނެފާ ކުލާހުގައި ކުރި ހުރިހާ ކަމެއް ގޭމީހުންނަށް ކިޔައިދެމެވެ.
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެކެވެ. ދުނިޔެމަތި ވެސް ބަނަ ވިއްސާރަ ވިލާތަކުން އުޑުމަތި ކައްކާލާފަ އޮތް ކަހަލަ ދުވަހެކެވެ. ކޮލެޖުގެ ލައިބުރަރީ ގައި ފޮތެއް ކިޔަން އިންދާ ކުއްލިއަކަށް ކޯސް ކޯޑިނޭޓަރާއި ބައްދަލުކުރުމަށް މެސެޖެއް ލިބުނެވެ. އުފަލުން ދުވަމުން ގޮސް ކޯޑިނޭޓަރާއި ބައްދަލު ކުރީމެވެ. ފުރަތަމަ ވެސް ދެއްވީ އަގުހުރި ނަސޭޙަތްތަކެކެވެ. ދުނިޔޭގައި އުޅޭއިރު ތަފާތު ޙާލަތުތައް ބައްދަލު ކުރާނެކަމާއި ކަންކަމުގައި ކެއްތެރި ވާންޖެހޭނެ ކަމާއި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ވާހަކަ ވަރަށް މަޑުމައިތިރިކަމާއި ފަށުވި ކަމާއި އެކު ބުނެދިނެވެ. އަޅުގަޑުގެ މެޔަށް ފެން އެއްޗެއް އޮއްސާލި ކަހަލައެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޔަގީން ވެއްޖެއެވެ. ވީގޮތެއް ވެސް މުޅިން ސާފު ނުވަނީސް ބަޑި ފަޅައިގެން ދިޔައެވެ. ކަރުނަަތައް ލޮލުގެ ބޮނޑިން ބަންޑުން ވެގެންދިޔައެވެ. އަދި، ކޮންފަދަ މުޞީބާތެއް އަޅުގަނޑުގެ ޙަޔާތަށް ކުރިމަތި ވަނީ ބާވައޭ ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.
އަހުރެންގެ ހިތަށާއި ފިތަށާއި މެޔަށް ކޮށްފައި ހުރި އަސަރު، މޮޅު ޓީޗަރެއް ވީމާ ވަރަށް އަވަހަކަށް ވަޒަންކޮށް ކޮނޑުގައި ހިފަހައްޓާލައިގެން އޮފީހުން ބޭރަށް ނިކުމެލިއެވެ. އޯގާތެރިކަން ދެގުނަ ކޮށްލި ކަހަލައެވެ. އެވަގުތު އަދި ވަކިން ބޮޑަށް ހިތް ކުދި ކުދި ވެގެން ދިޔަ ފަދައެވެ. ކަމެއް ގޯސް ވެއްޖެކަން ޔަގީނުގެ މައްޗަށް ޔަގީންވެ، ހިތުގެ އަޑިން ޤަބޫލު ކުރެވެން ފެށުނެވެ. އެގޮތުން އަޑުގައިހުރި ތުރުތުރުލުންތަކާއި ހުއްޓުންތައް ވެސް އޮމާން ވާން ފަށައިފިއެވެ. ކޮންމެއަކަސް ކުރިމަތި ވެދާނެ ޙާލަތަކަށް ހިތާއި ހަށިގަނޑު ތައްޔާރު ވެއްޖެއެވެ. ދެންއޮތީ ވެގެން އުޅޭ ގޮތް ކޯސް ކޯޑިނޭޓަރު ކިޔައިދިނުމުގެ ވަގުތުގައި ހިތްވަރު ގަދަކޮށްފައި ކެތްތެރިކަމާއި އެކު އަޑު އެހުމެވެ.
އަނެއްކާ ވެސް މަޑުމަޑުން ވަރަށް ވެސް ލޮއެއްބާ އޯގާތެރިކަމާއި އެކު ނަސޭޙަތް ދެއްވަމުން ކޯސް ކުރިޔަށް ގެންދެވެން ނެތިގެން ހުއްޓާލި ހިތާމަވެރި ޚަބަރު ދިނެވެ. ކުލާހުގައި ދެންތިމި ހަތަރު ކުދިން ކޯސް ދޫކޮށްލުމުން އެންމެ ކުއްޖަކަށްވެ ކޯސް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެހެންނަމަވެސް ކިތަންމެ އަވަހަކަށް އިތުރު ބުރެއް ފެށޭ ގޮތް ވިޔަސް ލިސްޓުގައި އަޅުގަޑުގެ ނަން އޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އެއީ އަޅުގަޑަށް ކޮއްފައި ހުރި ފުން އަސަރުގެ ސަބަބުން ވިދާޅުވާ އެއްޗެއް ކަމަށް ބަލައިގެން ހުރެ، އަޅުގަޑުގެ މާލީ ޙާލަތު ބަޔާންކޮށްދިނީ ނުހަނު އަސަރާއި އެކު ކަރުނައިގެ ކޯރެއްގެ ތެރޭގައި ހުރެ ކަހަލައެވެ. މުދައްރިސުންނަކީ ޙަޤީޤަތުގައި ވެސް ދަރިވަރުން ދެކެ ލޯބިވާ އަޅާލާ ބައެއް ކަމުގެ އިޙްސާސް ކޮށްދެމުން ބޮލުގައި ފިރުމާލަ ދެއްވިއެވެ. ދެވަނަ ބައްޕައެއް ފަދަ އިޙްސާސްއެއް ހިތަށް ކުރިއެވެ. ޓީޗަރަކަށް ވުމަށް ހިތްކުރާ އާދޭސް މިފަދަ ކޮންމެ ވަގުތެއްގައި އެތައް ގުނައަކަށް އިތުރު ވެގެންދެއެވެ. ކޯސް ކޯޑިނޭޓަރު އަޅުގަޑަށް ދެޚިޔާލެއް ދެއްވިއެވެ. ފުރަތަމަ ޚިޔާލަކީ، އެއްވެސް ކަމަކާއި ފިކުރު ބޮޑު ކުރުމެއް ނެތި ރަށަށް ގޮސް ކޮލެޖުން ވަކި އެއްޗެއް އަންގަވަންދެން ރަށުގައި މަޑުކުރުމެވެ. އަނެއް ގޮތަކީ ވަޒީފާއެއް ހޯދައިގެން ވަޒީފާ އަދާކުރަން މާލޭގައި މަޑުކުރުމެވެ.
މިމަންޒަރު ބަލަން ދުރުގައި ހުރި އިނގިރޭސި ވިލާތުގެ ދަރުމަވެރިޔަކަށް ވެސް އަމުދަކުން ކެތެއް ނުކުރެވުނެވެ. އުމުރުން ދުވަސް ވެފައި ހުރި އަންހެނެކެވެ. ވަރަށް އަވަސް އަވަހަށް އިނގިރޭސި ބަހުން ވާހަކަތަކެއް ދެއްކެވީ އަޅުގަޑުގެ ބުރަކަށީ ގައި މަންމައެއް ފަދައިން ވަރަށް ލޯބިން ފިރުމާހަދަމުންނެވެ. އިނގިރޭސި ބަހަށް ކޮށިކަމުން ދެއްކި ވާހަކަތަކުން މަދު ވާހަކައެއް ނޫނީ ދޭހަ ނުވިޔަސް މުދައްރިސުންނަށް އޮންނަ އިޙްތިރާމް އާއި ލޯބި އަދި އެފަދަ މީހަކަށް ވުމަށް ކުރާ އުންމީދުތައް މިފަދަ ކޮންމެ ހިނދުކޮޅެއްގައި އިތުރު ވެގެންދިޔައެވެ. ހިތް ކުދި ކުދި ވެގެން ހުރެ، ހަށިގަނޑުގައި އެއްވެސް އިތުރު ހަކަތައެއް ނެތް މީހެއް ވަޔާ ހެލޭ ފަތެއް ފަދައިން އާދެވުނު ގޮތެއް ވެސް ނޭންގި ހުރެ ގަލޮޅު ކިޔަވާގެއަށް ވަދެވުނު ވަގުތު އަނެއްކާ ވެސް ހިތް ފަޅައިގެން ދިޔައެވެ. ޖަޒްބާތުތަކުގެ މައްޗަށް އޮތް އަމިއްލަ ބާރުވެރިކަން ދޫވެ ޖިސްމު ގިސްފަށަކަށް އިސާހިތަކު ހަދާލި އެވެ. އެވަގުތަކީ މާލޭ މަންމަ ފެނުނު ވަގުތެވެ. (ނުނިމޭ…)