ދިވެހިރާއްޖޭގެ މާލީ، އިޤްތިޞާދީ ޙާލަތު އެކި މީހުން އެކި ގޮތްގޮތަށް ތަރުޖަމާކުރަމުން އެބަ ގެންދެއެވެ. ތަފާތު ނަޒަރިއްޔާތުތައް އެކި އެކި ނުފޫޒުތަކާ އެކު އާއި ނުފޫޒެއް ނެތި ފައުޅުކުރަމުން އެބަ ގެންދެއެވެ. ގިނަ ވާހަކަތަކަކީ މުޅިން ޙަޤީޤަތް ކަމުގައި ނުވިޔަސް، ޔަޤީންވާކަމަކީ ޙާލަތު އެހާ ރަނގަޅު ނޫންކަމެވެ. ސިޔާސީ މަންފާތަކުގެ ބޭނުމުގައި ބައެއް ވާހަކަތައް އެކި ގޮތްގޮތަށް އަނބުރާލައިގެން ދެއްކި ކަމުގައި ވިޔަސް ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާކަމެވެ.
ދިވެހިރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ކޮބައިތޯއެވެ؟
ޙަޤީޤަތުގައި ދިވެހިރާއްޖެއަށް ދިމާވެގެން މިއުޅެނީ ދިވެހީން އުފަންކުރުވި ޙާލަތެކެވެ. ސިޔާސީ ފޯރި އާއި ޖަޒުބާތުގައި ޤައުމީ މަޞްލަޙަތަށް ވުރެ އަމިއްލަ މަޞްލަޙަތު އިސްކުޅައުމުގެ ނަތީޖާއެވެ. އިންތިޚާބީ ދުވަސްވަރަކީ އެއްވެސް ސުމާރެއް ނެތި ޑިމާންޑްތައް ކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ރައްޔިތުން ދެކޭ ދެކުމާއި، ވަޢުދުނާމާ ވެސް އެމަގަށް ތަރުތީބުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތައް ލިބޭ ޢާމްދަނީއަށް ވުރެ ނުބައްދަލުވުމާއި، ދަރަންޏަށް ބަރޯސާވުން އިންތިހާއަށް އިތުރުވެގެން ދިއުމެވެ. އަދި އެފަދަ ގިނަ އިންވެސްޓްމަންޓްތަކަކީ ކުރުމުއްދަތުގައި އެއްވެސް ޢާމްދަނީއެއް ނުލިބޭ ކަންކަމަށް ވުމުގެ ނަތީޖާއެއްގެ ގޮތުން ދަރަނި އަދާކުރަން ކުރަންޖެހޭ ހޭދަ ޤައުމުގެ އުފެއްދުންތެރިކަމާ ނުބައްދަލު ނިސްބަތުން މައްޗަށް ދިއުމާއި، ދައުލަތުގެ ރިޒާވް ހީނަރުވުމުގެ ސަބަބުން ދައުލަތުގެ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީއެވެ.
މައްސަލަ ދިމާވެގެން މިއުޅެނީ ކޮން އިރަކުތޯއެވެ؟
ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ގޯސްވެގެން މިއުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިއީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައި ސަރުކާރުތަކުން ޖަމާކުޅަ ދަރަނީގެ ދަންތުރައެކެވެ. ކޮންމެ ކަމެއް ވެސް އެއްކޮށް ފާލުން ނައްޓާނީ ކުއްލިއަކަށް ނޫނެވެ. ރާއްޖޭގެ ދަރަނީގެ ޙާލަތު ގޯސްވެގެން އިންޒާރުތައް ލިބޭތާ ދުވަސްތަކެއް ވެއްޖެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އެ އިންޒާރު ދެމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. ދިވެހިރާއްޖޭގެ މިސްރާބު ހުރީ ރަނގަޅު ދިމައަކަށް ނޫންކަމަށް އައިއެމްއެފް އާއި، ވޯލްޑް ބޭންކްގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުން ވަނީ މީގެ ފަސް އަަހަރު ކުރިންް ވެސް މި ރަނގަބީލް އަޅުއްވާފައެވެ. ސަރުކާރުތަކުން އަދިވެސް ފެންނަނީ ފަންނީ މާހިރުންގެ ލަފާތަކަށް ގޮންޖައްްސަވާފައި ކުރިން ވެސް ހެދި ގޯސްތައް އަނެއްކާ ވެސް ތަކުރާރުކުރާތަނެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަދި އޮތީ ސަލާމަތް ނުކުރެވޭ ޙާލަތެއްގައެއް ނޫނެވެ. ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ސަމާލަތް ކުރެވިދާނެއެވެ. އަނެއްކާ ވެސް ގޮންޖައްސަވާފައި ކުރިން ހެދި ގޯސްތައް ތަކުރާރުކޮށްފި ނަމަ ބަނގުރޫޓް ވެދާނެއެވެ. މިއަދު ބޯންޖެހުނު ހިތިބޭހެއް ބޮއެގެން ނޫނީ މާދަމާ ރޯޝަން ނުކުރެވިދާނެއެވެ.