9 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހަކީ ޤައުމަށް އަންނަ ބޮޑު ދުވަހެކެވެ. ރިޔާސީ ދައުރެއް ނިމުމުގެ ކުރިން ކުރިއަށް އޮތް ދައުރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާނެ ބޭފުޅަކު އިންތިޚާބުކުރުމުގެ ވޯޓުލުން އޮންނަ ދުވަހެވެ. މާލެ އާއި އަތޮޅުތަކުން ވެސް ފެންނަނީ ވާދަވެރި ކެމްޕެއިން ޙަރަކާތްތައް މެކުހަށް ޖަހާފައި ވާތަނެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ފަރާތަކުން ވާދަކުރައްވާ އިރު، ތަފާތު މޮޓޯތައް ބޭނުންކުރައްވައެވެ. އެއީ ރައްޔިތުންނަށް ދޭ ވަރަށް ސާފު މެސެޖުތަކެއްކަމަށް ވާނެކަން ޔަޤީނެވެ. އެފަދަ މެސެޖުތައް ވާންޖެހޭނީ ރައްޔިތުންނަށް ކުރިމަގު ދައްކުވައިދޭ ސާފު އިބާރާތުން ލިޔެވޭ ޙަޤީޤީ، މައުނަވީ ބަސްތަކެއް ކަމަށެވެ.
އުފާވެރި އަމާންރާއްޖެ
މިއީ މިހާރު ވެރިކަންކުރާ އެމްޑީޕީ ބޭނުންކުރާ ރިޔާސީ ކެމްޕެއިން ސްލޯގަންއެވެ. މި މޮޓޯ އިން ބުނެދެނީ މިއަދަށް ވުރެން އުފާވެރި އަމާން ދުވަސްތަކެއް ގެނެސްދެއްވާނެ ކަމެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުން އަދި އިތުރު ދައުރަކަށް ވެރިކަންކުރެއްވުމުގެ ފުރުޞަތު ދެއްވައިފި ނަމަ، ރައްޔިތުންނަށް އިތުރު އުފާވެރިކަމާ ހަމަޖެހުން ގެނެސްދެއްވާނެކަމެވެ. އަދި މިއީ އެމްޑީޕީ އިން ވަކާލާތު ކުރާ ފަލްސަފާ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ސްލޯގަންއެކެވެ. އަދި ދިވެރިރާއްޖެ ވަރަށް ބޮޑަށް ރަމްޒުކޮށްދޭ މާނަފުން ބަސްކޮޅެކެވެ. #އިބޫއަސްލަމް2023
ދިވެހީންގެރާއްޖެ
މިއީ އިދިކޮޅު ޕީޕީއެމް ބޭނުންކުރާ ކެމްޕެއިން ސްލޯގަންއެވެ. މިއީ ދިވެހީންގެ ބިމެއް ކަމަށާއި، އެހެން އެއްވެސް ޤައުމެއްގެ ނުފޫޒެއް، އަޅުވެތިކަމެއް ބޭނުން ނުވާ ރާއްޖެއެއް ކަމެވެ. އަދި މިރާއްޖޭގެ އެންމެހާ ކަމެއް ރާވާ ހިންގުމަކީ ދިވެހީންގެ ކަމެއް ކަމަށާއި، މިތަނުގެ މިލްކުވެރި ބަޔަކީ ދިވެހީންކަމެވެ. މިއީ ޕީޕީއެމް އިން ވަކާލާތުކުރާ އެހެން ޤައުމެއްގެ އަޝްކަރީ ސިފައިން ތިބުމާއި ދެކޮޅުކަން ރަމްޒުވާ މޮޓޯއެކެވެ. އަދި ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިޚާބު ކޮށްދީފި ނަމަ، އެފަދަ ބޭރުގެ ނުފޫޒުތަކުން ރާއްޖެ މިންޖުކޮށްދީ ދިވެހީންގެ ރާއްޖެއަކަށް ހައްދަވައިދެއްވާނެކަމަށެވެ. #މުޢިއްޒުސެމްބެ2023
އުޖާލާ ޒަމާން
މިއީ މޯލްޑިވްސް ނޭޝަނަލް ޕާޓީ ބޭނުންކުރާ ކެމްޕެއިން މޮޓޯއެވެ. މި ސްލޯގަން އިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް މާ އުފާވެރި އަދި އުޖާލާ ޒަމާނެއް ގެނެސްދެެއްވާނެކަމެވެ. އެމްއެންޕީ އިން ވަކާލާތުކުރަނީ ރައްޔިތުންނަށް އުޖާލާކަން ގެނެސްދެވޭނީ އެޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަޣުލަބިއްޔަތުން އެޕާޓީގެ ކެންޑިޑޭޓް އިންތިޚާބު ކޮށްދެއްވައިފި ނަމަ ރައްޔިތުންނަށް އެލިބެނީ އުޖާލާ ރަންޒަމާނެއް ކަމަށެވެ. #ނާޒިމްއަދީލް2023
ހާސްކަނޑާލާ، ހަމަޖެހޭނެ
މިއީ ޖުމްހޫރީ ޕާޓީ އިން ބޭނުންކުރަމުން ގެންދާ ކެމްޕެއިން ސްލޯގަންއެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރާ އެންމެ ތަފާތު މޮޓޯއެވެ. އަދި އެންމެ ބޮޑު ފާޑިކިޔުމެއް އަމާޒުވެފައި ވަނީ ވެސް މި ސްލޯގަންއަށެވެ. މުޖުތަމަޢުގެ ކުރިމަގަށް އެއްވެސް އަމާޒެއް ސާފުނުވާ ފަރުދީ މަންފާއަށް ގޮވާލާ މޮޓޯއެކެވެ. އަދި ފާޑުކިޔާ ބައެއް މީހުން ދެކޭގޮތުގައި މިއީ ރަގަޅު ނޫން އުސޫލުތަކަކަށް ހިތްވަރުދޭ ވަރަށް އާދައިގެ ބަސްމަގެއް ކަމަށެވެ. ރިޔާސީ ކެމްޕެއިނެއްގައި ބޭނުންކުރަން އެހާ އުފެއްދުންތެރި ބަސްކޮޅެއް ނޫންކަމަށެވެ. އަދި ވަރަށް ޢިލްމީ ޓީމެއް އޮތް ޕާޓީއަކުން ނެރެފައިވާ ވަރަށް ދަށް ފެންވަރެއްގެ ޕްރޮޑަކްޓެއް ކަމަށެވެ. #ޤާސިމްއަމީން2023
ޙައްލަކީ އުމަރު
މިއީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ އުމަރު ނަސީރުގެ މޮޓޯއެވެ. މެސެޖު ވެސް އަދި އަމާޒު ވެސް ވަރަށް ސީދާ ސާދާ ސްލޯގަންއެކެވެ. އުމަރު ވަކާލާތުކުރަނީ މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނީ އެބޭފުޅާއަށް ކަމަށެވެ. ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިގެން މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ވައްކަމާ ފޭރުން ފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނީ ހަމަ އެކަނި އުމަރަށް ކަމަށެވެ. ރައްޔިތުންގެ އަޣްލަބިއްޔަތުން އެބޭފުޅާ އިންތިޚާބު ކޮށްދެއްވައިފި ނަމަ އިސްލާމީ ޝަރީޢާ ޤާއިމްކޮށް އެހުރިހާ މައްސަލަތަކެއް ޙައްލުކޮށްދެއްވާނެ ކަމެވެ. #އުމަރު2023
ކޯލިޝަން ނޫންގޮތެއް
މިއީ އަމިއްލަގޮތުން ވާދަކުރައްވާ ޙަސަން ޒަމީލް ބޭނުންކުރައްވާ ކެމްޕެރިން ސްލޯގަންއެވެ. ޒަމީލް ވަކާލާތުކުރައްވަނީ ވެރިކަން ކުރުމަށް ކޯލިޝަންތައް ހެދުމަކީ ނަތީޖާ ރަގަޅުކަމެއް ނޫންކަމަށެވެ. އެހެނީ ސިޔާސަތުތައް މަސްހުނިވެދާނެތީއެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙަށް އެހާ ހެޔޮވަރު މޮޓޯއެއް ނޫނެވެ. އަދި އަމުދުން އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ޙާޞިލުކުރެވިދާނެކަމެއް ނޫނެވެ. ނަމަވެސް، ޒަމީލް ވަކާލާތުކުރައްވާ ފަލްސަފާ ރަމްޒުކޮށްދޭ ބަސްކޮޅެކެވެ. #ޒަމީލްމަރްޔަމް2023